އަރބަންކޯއާއި ޓީ-ހަބްއާ ދެމެދު އެއްބަސްވުމެއް
- މައުމޫނު އަލީ
- Jun 4, 2023
- 1 min read

4 ޖޫން 2023
އަރބަންކޯއާއި ޓީ-ހަބް ފައުންޑޭޝަންއާއި ދެމެދު ޓެކްނޮލޮޖީ އަދި އިނޮވޭޝަން ބްރިޖެއް ގާއިމްކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އަރބަންކޯގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ. އަދި ޓީ-ހަބް ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޑެލިވަރީ އޮފިސަރ އާނިޝް އެންތަނީއެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަކަށް ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން އަރބަންކޯއާއި، ޓީ-ހަބް ފައުންޑޭޝަންއާއި ދެމެދު އިނޮވޭޝަން އަދި ޓެކްނޮލޮޖީ ޓްރަންސްފަރ ކުރެވިގެންދާނެއެވެ.
އަދި ހުޅުމާލެއަކީ ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް އީޖާދީ އީކޯސިސްޓަމެއް ބިނާކުރުމަށް ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެއެވެ.
އަރބަންކޯއާއި ޓީ-ހަބް ފައުންޑޭޝަންއާ ދެމެދު ސޮއިކުރެވުނު މި އެއްބަސްވުމަކީ ހުޅުމާލެ ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ސޮއިކުރެވުނު އެއްބަސްވުމެކެވެ.
ހުޅުމާލެއަކީ ދިވެހިރާއްޖޭގެ އެއްމެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމަށްޓަކައި އަރބަންކޯގެ ސްމާޓްކޮމް ބްރޭންޑުން ދަނީ އެކަމަށް ބޭނުންވާ ޖިޓަލް އިންފްރާސްޓްރަކްޗަރ ގާއިމުކޮށް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތަފާތު ސްމާޓް ސިޓީ ސޮލިއުޝަންތައް ތަޢާރަފު ކުރަމުންނެވެ.
ހުރިހާ ގޮތަކުންވެސް ރައްޔިތުން ލުއި ފަސޭހަ ސްމާޓް ސިޓީއަކަށް ހުޅުމާލެ ވެގެން ދިއުމަކީ އެ ކޯޕަރޭޝަންގެ އަމާޒެވެ.