ރިހާކުރު ގަރުދިޔަ
- މައުމޫނު އަލީ
- Jun 19, 2023
- 1 min read

ރިހާކުރު ދިޔައަކީ ވަރަށްވެސް މީރުއެއްޗެކެވެ. ޚާއްސަކޮށް ލޮނު މިރުހާއި ތެލުލިފަތާއި ބަނބުކޭލާއި ތެލުލިމަސް ފަދަ ތަކެއްޗާއިއެކު ކާލާއިރުއެވެ. ދެވައްތަރެއްގެ ރިހާކުރު ދިޔައެއް އަހަރުމެން ދަންނަމެވެ. އެއީ ކިރު އަޅައިގެން މޮޑޭ ވައްތަރަކާއި ކެއްކި ވައްތަރެވެ. ތިރީގައި އެވަނީ ކެއްކި ވައްތަރެވެ. ބައެއް މީހުން މިއަށް ރިހާކުރު ގަރުދިޔަވެސް ކިޔާ އުޅެއެވެ.
ބޭނުންވާތަކެތި:
2 މޭޒުމަތީ ސަމްސާ އަދި 2 ސައިސަމްސަލުގެ ރިހާކުރު
2 ޖޯޑު ފެން
1 ސައިސަމްސާ މުގުރި ދަވިއްގަނދު
10 ހިކި މިރުސް
1 ކުޑަ ފިޔާ
3 އިންޗީގެ ރާނބާފަތްކޮޅެއް
10 ހިކަނދިފަތް
½ ލުނބޯ (ނޫނީ 1 ބިލަމަގު ނުވަތަ ކުޑަ ހުތް އަނބެއް(
½ ސައިސަމްސާ ލޮނު (ބޭނުންވާނަމަ)
ހަދާނެގޮތް:
1. ފިޔާތުނިކޮށް ކޮށާށެވެ.
2. ތެއްޔަކަށް 2 މޭޒުމަތީ ސަމްސަލުގެ ރިހާކުރާއިއެކު ފެންކޮޅު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
3. އުނދުން މައްޗަށް އުދައި މެދު ގިނީގައި ބެހެއްޓުމަށްފަހު ދަވިއްގަނދުކޮޅު އަޅާލާ އެއްކޮށްލާށެވެ.
4. ތެލީގައި މަތިޖަހުމަށްފަހު ބޮކިޖަހާ ކެކި ގަންނަންދެން ބައިންދާށެވެ. މައްޗަށް އަރަމުންދާ ގަރު އުނދުޅިއަކުން ނަގާށެވެ.
5. އެގޮތަށް ގަރު ނަގާ ސާފުވުމުން ގިނި މަޑުކޮށްލާފައި ރާނބާފަތާއި ހިކަނދި ފަތާއި ހިކިމިރުހާއި ފިޔާ ތެއްޔަށް އަޅާށެވެ.
6. ތެލީގައި މަތިޖަހާފައި ވިއްސަކަށް މިނެޓުވަންދެން ކެކެން ބައިންދާށެވެ.
7. ލުނބޯކޮޅު ތެލީގެ ތެރެއަށް ފިތާލާށެވެ. އަދި 2 ސައިސަމްސަލުގެ ރިހާކުރު ތެއްޔަށް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ.
8. އުނދުން ނިވާލުމުގެ ކުރިން ރަހަ ބަލާލާފައި ލޮނު ހެޔޮވަރުކޮށްލާށެވެ.