ދީފާ އަތުލި ފްލެޓު ވެރިންގެ ފުރަތަމަ ބައްދަލުވުން ރޭ ބާއްވައިފި
- މިދުއަމް ސައުދު
- Jun 25, 2023
- 1 min read

25 ޖޫން 2023
ދީފާ އަތުލި ފްލެޓު ވެރިންގެ ފުރަތަމަ ބައްދަލުވުން ރޭ ބާއްވައިފިއެވެ.
ދީފާ އަތުލި ފްލެޓުވެރިންނަކީ ކޮބާ؟
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެޅި ހިޔާ ފްލެޓުތައް ލިބޭ މީހުންގެ ލިސްޓު ޝާއިއު ކުރީ 2018 ވަނަ އަހަރު އިންތިހާބު ބޯމަތިވެެފައި ވަނިކޮށެވެ. އޭރު އިދިކޮޅު އެމްޑީޕީން އެ ލިސްޓަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދެވިއެވެ.
ވެރިކަން ބަދަލު ވުމާއެކު ކުރީ ސަރުކާރުން ހެދި ލިސްޓު ބާތިލްކޮށް އާ ލިސްޓެއް ހަދަން ރައީސް އިބްރާހިމް އެންގެވިއެވެ. އެގޮތުން ލިސްޓުތައް ބަލާ އާ ލިސްޓެއް ހެދުމަށް ފްލެޓު ކޮމެޓީގެ ނަމުގައި ރައީސް އޮފީހުގައި ކޮމެޓީއެއް ހެއްދެވިއެވެ.
ރައީސް އިބްރާހިމްގެ ފްލެޓު ކޮމެޓީ އަދި ހައުސިން މިނިސްޓީއިން ފްލެޓުތަކުގެ އެލޮކޭޝަނާއި ޕޮލިސީއަށް ގެނައި ބަދަލު ތަކުގެ ސަބަބުން ކުރިން ފްލެޓު ލިބުނު 5000 އަށް ވުރެ ގިނަ މީހުންގެ ފްލެޓު ވަނީ ފަހުން ގެއްލިފައެވެ.
ޕޮލިސީ ނިންމުންތަކާއި ކެޓެގަރީ ބަދަލުކުރުމުގެ ސަބަބުން: 2،594
އެއްކޮޓަރި ފްލެޓު އުވާލުމުގެ ސަބަބުން: 1،585
ފްލެޓު ކޮމެޓީގެ ނިންމުންތަކުގެ ސަބަބުން: 581
ދެމަފިރިންގެ ނަން އެއްކޮށް/ވަކިކުރުން އަދި އެހެން ސަބަބު ތަކާހުރެ: 619
އަދި މީގެ އިތުރުން ފްލެޓު ކޮމެޓީން ހާލު ބަލަން ނުދިޔުމާއި، ސަކުވާތަކަށް ޖަވާބު ނުދިނުމުގެ ސަބަބުންވެސް އެތައް ބައެއްގެ ފްލެޓު ވަނީ ގެއްލިފައެވެ. ދީފާ އަތުލި ފްލެޓުވެރިންނަކީ ސަރުކާރަކުން މިގޮތަށް ފްލެޓު ދީފާ އަލަށް އައި ސަރުކާރެއްގެ ނިންމުމުގެ ސަބަބުން ލިބުނު ފްލެޓު ގެއްލުނު މީހުންނެވެ.
ރޭގެ ބައްދަލުވުން
ރޭ ބައްދަލު ކުރީ ދަކޮމަނާސް ގެ ތެރެއިން ދީފާ އަތުލި ފްލެޓުވެރިންގެ ކަންކަމުގެ އިސްނަގައިގެން އުޅުއްވާ 40 ވަރަކަށް ބޭފުޅުންގެ ޓީމެވެ.
ރޭގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ދީފާ އަތުލި ފްލެޓުތަކުގެ ހައްގު ހޯދަން ކުރާނެ މަސައްކަތްތަކާއި ބެހޭ ގޮތުންނެވެ.
އީދު ބަންދަށް ބަހު އިތުރު މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ދާނެއެވެ. މީގެ އިތުރު ތަފްސީލުތައްް ދަ ކޮމަނާސް ވައިބާރ/ޓެލެގްރާމްގައި ހިއްސާ ކުރެވެމުން ދާނެއެވެ.
ދަ ކޮމަނާސް ވައިބާރ
ދަ ކޮމަނާސް ޓެލެގްރާމް