އެއްކޮށްލި ދެ ފްލެޓުގެ ފާރު ރާނަން އާބަންކޯއިން އިތުރު ވަގުތު ދީފި
- އަހްމަދު
- Jun 8, 2023
- 1 min read

7 ޖޫން 2023،
ފާރު ތަޅާލައިގެން ދެ އެޕާޓްމަންޓް އެއްކުރި ހިޔާ ޔޫނިއަންގެ ޝަމާލު އެތަން ކުރިން ހުރި ގޮތަށް ފާރު ރާނައިގެން ވަކިކުރަން އާބަންކޯއިން އިތުރު ވަގުތު ދީފިއެވެ.
އެއްބަސްވުމާ ޚިލާފަށް ޝަމާލް އަދި އާއިލާ މީހާކާއެކު ދެ އެޕާޓްމަންޓް އެއްކޮށްލައިގެން އުޅެނިކޮށް ފަޅާއެރުމުން އާބަންކޯ އިން ވަނީ އެ ދެތަނުގެ ވެރިފަރާތްވެސް 100،000ރ. އިން ޖޫރިމަނާކޮށްފަ އެވެ.
އަދި ތަން ކުރިން ހުރި ގޮތަށް ހަދަން ދިން މުއްދަތް މިއަދަށް ހަމަވިއިރު އެއިން ކަމެއް ކޮށްފައި ނުވެއެވެ
އޭގެ ބަދަލުގައި ޝަމާލު މަސައްކަތް ކުރީ، ހަބަރު ލިބޭ ގޮތުގައި ވަކީލު މަރިޔަމް ޝުނާނާގެ އެހީއާއެކު، އާބަންކޯއިން ތަން ހުސްކުރަން އެންގި އެންގުން ބާތިލް ކުރަން ވަގުތީ އަމުރެއް ހޯދަމަށެވެ. އެހެނަސް ކޯޓުންވެސް ވީ ނާކާމިޔާބެވެ.
ޖޫރިމާނާ ނުދައްކާ ކަމާއި، ތަން ހުރިގޮތަށް ނަހަދާކަން އަދި މުއްދަތް ހަމަވިއިރު ތަން ހިސްނުކުރާކަންވެސް އާބަންކޯއިން ވަނީ ކަށަވަރު ކޮށްދީފައެވެ.
އެކުންފުނިން މައުލޫމާތު ދޭގޮތުގައި ތަޅާލި ފާރު ރާނައި ދެ އެޕާޓުމަންޓު ކުރިން ހުރިގޮތަށް ހަދަން އާބަންކޯގައި އެދިފައިވަނީ ފްލެޓުގެ ވެރިފަރާތުންނެވެ.
މިކަމުގައި އާބަންކޯއިން ނިންމީ ފާރު ރާނަން ފަށާތޯ 7 ދުަވަސް ދޭށެވެ. އަދި އެ 7 ދުަވަހަށް ބެލުމަށް ފަހު ދޭން އެދުނު 3 މަހާއިމެދު ގޮތެއް ކަނޑައަޅަން އާބަންކޯއިން ވަނީ ނިންމާފައެވެ.
ޝަމާލު ދެ އެޕާޓްމަންޓް އެއްކޮށްލައި އެތަން ވަނީ ވަރަށް ލަގްޒަރީކޮށް ކަމަށާައި އަދި އެތަން ހަދަން ބައިމިލިއަނަަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރެވިފައިވާނެ ކަމަށް 'މިހާރު' ނޫހުން ވަނީ ރިޕޯޓު ކޮށްފައެވެ.