ކޮފީ / ސަޔަށް ހަކުރު އެޅުން ހުއްޓާލި ގޮތުގެ ވާހަކަ
- މިދުއަމް ސައުދު
- Jun 9, 2023
- 2 min read

9 ޖޫން 2023
2016 ވަނަ އަހަރު ކާނިވާ ސަރަހައްދުގެ ސިޓްރަން ކެފޭގައި ކޯފީއެެއް ބޮއެލަން ހުރީމެވެ. އެއީ އެދުވަހުގެ 5 ވަނަ ކޮފީއެވެ.
އާންމު ދިވެހި ސަގާފަތަށް ކަމޭހިތުމުގެ ގޮތުން އަޅުގަނޑުގެ އެކުވެރިޔާ ގަޑިއަކަށް ނާދައެވެ. އޭގެ 10 މިނެޓު ކުރިން ގުޅާލީމަވެސް ބުނީ ހަމަ މި ކައިރިވީއެވެ.
އޭނަގެ އިންތިޒާރުގައި އެހެން ހުރެ ‘ވައިވެގެން’ ވަކި މަގުސަދެއް ނެތި، މޭޒުމަަތީ ހުރި ތަށިން ހަކުރު ޕެކެޓެއް ނަގައި ބަލަން ފެށީމެވެ. އެއީ އާންމުކޮށް ކެފޭ ތަކުން ދޭ ކަހަލަ ކުދި ހަކުރު ޕެކެޓެކެވެ. އޭގެ ބޭރުގައި ހުރި މައުލޫމާތުން އެއީ 5 ގްރާމުގެ ހަކުރު ޕެކެޓެއް ކަން އެނގެއެވެ.
ދެން ކުއްލިއަކަށް އެކަމަށް ފިކުރު ދިޔައެވެ. ހިތަށް އެރިއެވެ. އާދައިގެ މަތިން މި ކޮފީ ތައްޓަށް 2 ޕެކެޓް ހަލުރު އަޅައިފީމެވެ. އެހެންވީމާ އެވީ 10 ގްރާމެވެ.
ދެން ހިތަށް އެރިއެވެ. މިއީ މިއަދުގެ 5 ވަނަ ކޮފީއެެވެ. އެހެންވީމާ މިއަދު މިހާތަނަަށް 50 ގްރާމު ހަކުރު ‘ބޮވިއްޖެ’ އެވެ.
ދެން ހަމަ ކުއްލިއަކަށް ފޯނު ނަގައި ކަލްކިއުލޭޓަރު ހުޅުވައިގެން ހިސާބު ޖަހަން ފެށީމެވެ.
ދުވާލެއްގެ މައްޗަށް ހަވީރު ސައި ހިމެނޭހެން 6 ތަށި އެބަ ބޮވެއެވެ. ކޮންމެ ތައްޓަކަށް 5 ގްރާމުގެ ދެ ޕެކެޓު ހަކުރު އެބަ އަޅަމެވެ.
އެހެން ވީމާ އެއީ ދުވާލަކަށް 6 ތަށި ނަމަ 10 ގްރާމު ގުނަ 6 ތައްޓެވެެ. ޖުަމްލަ 60 ގްރާމެވެ. ދުވަލާކަަށް 60 ގްރާމު ވެއްޖެއްޔާ މަހަކަށް ނުވަތަ 30 ދުވަހަށް އެވަނީ 1800 ގްރާމެވެ. 1.8 ކިލޯއެވެ!!!!!!
ޔަގީން ނުކުރެވުނެވެ!
އަނެއްކާ ހިސާބު ޖަަަހައިފީމެވެ. އަނެއްކާވެސް ޖެހީއެވެ. ހަމަ 1.8 ކިލޯއެވެ.
ކޮފީ އަދި ސަޔަށް އަޅާ ހަކުރުން ހަށިގަނޑުތެރެއަށް މަހެއްގެ މައްޗަށް 1.8 ކިލޯގެ ހަކުރު އެބަ އަޅަމެވެ.
ހަމަ އަސްލުވެސް އެހާ ގިނަވެދާނެ ކަމަަށް ހިތަކަށް ނާރައެވެ. ވިސްނާފަކާވެސް ނެތެވެ. ކުޑަކުޑަ ޕެކެޓެއް ވީމަ ކަންނޭނގެެއެވެ. އެވަރަށް ހަކުރު ހަށިގަނޑަށް ލެވޭކަން ހަމަ އިހްސާސްވެސް ނުކުރެވެއެވެ. އެހާ ގިނަވެދޭނަކަން ހަމަ ގަބޫލުކުރަންވެސް ދަތިވިއެވެ.
ކޮފީ އަށް ހަކުރު އެޅުން އަޅުގަނޑު ހުއްޓާލީ އެދުވަހު އެކޮފީގައި މި ހިސާބުތައް ޖަހާފައެވެ. އޭގެ ފަހުން ކޮފީ/ސައި ބޯއިރު އެއްގޮތަކަަށްވެސް ހަކުރު ނާޅަމެވެ. މިހެން ބުންޏަސް ބައެއް ފަހަރު ހަވީރު ސަޔަށް ބޯ ކަޅު ސައިތައްޓަށް ހަކުރު އެޅެއެވެ.
އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަަ މީހުންނަކީ ދުވާލަކަށް އެތައް ކޮފީއަކަަށް އަރާ ބައެކެވެ. ހަމަ އެއްކަލަ 2 ޕެކެޓު ހަކުރު އަޅާ މީހުންނެވެ.
ކުޑަަކޮށް އަމިއްލަޔަށް ވިސްނާ ލައްވަވައި ހިސާބު ޖައްސަވާށެވެ. ދުވާލަކަށް ބޯ ސައި/ކޮފީ ތަށީގެ އަދަދު އަދި އެއަަށް އަޅާ ހަކުރު ޕެކެޓު ބަލާ މަހަކަށް ހަށިގަނޑު ތެރެއަށް ކޮފީ މޭޒު ތަކުން އެކަނި އެޅޭ ވަރުގެ ހިސާބެއްް ހަދާ ލައްވަވާށެވެ.
ފަހަރުގައި ހަކުރު އެޅުން ހުއްޓަން ޖެހޭ ސަބަބެއް ފެނިދާނެއެވެ. ދުވާލެެއްގެ މައްޗަށް ވަރަށްގިނަ އެހެން ގޮތްގޮތުން ހަކުރު ހަށިގަނޑަށް އެތެރެ ކުރެވެއެވެ. ވީމަަ ކޮފީ އަދި ސައި މޭޒުތަކުން އެތެރެ ކުރާ ބައި މަދު ކުރެވުނަސް އެއީ އަމިއްލަ ހަށިގަނޑަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮކަމަށް ވާނެއެވެ.